ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ 25 ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ދަށުން 2025 މޭ 29 ވަނަ ދުވަހުގެ ރޭ ވަނީ 2 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
އަދި އެ 2 ތަން ބަލައި ފާސްކޮށް، ޖުމަލް 102 ބިދޭސީން ޗެކްކުރިކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން، ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުން ދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.




