ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ހަވާއީ އާއި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖޭގެ ބައިނަލްއަޤްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ.
ދަތުރުފުޅުގެ ތެރޭގައި ނައިބު ރައީސް ވަނީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާޙީ ޙަފްލާގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
އަދި ރާއްޖެ އާއި ބްލޫ ޕްލެނެޓް އެލަޔަންސްއާ ދެމެދު އޮންނަ ގުޅުން ރަސްމީކުރައްވައި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.
ތަޖިކިސްތާނުގެ ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަވޭޝަން“ ސެޝަންގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައިވެއެވެ.
ތަޖިކިސްތާނުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެ ފަރާތުން ވަނީ ދެއްވާފައެވެ.
ނައިބު ރައީސް މިއަދު މާލެ ވަޑައިގަތްއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ.




