ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ޙައްޖާޖީން މިހާރު މައްކާއަށް އައިސްފައިވާ ކަމަށް ދިވެހި ޙައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.
ހައްޖު މިޝަނުން ވިދާޅުވިގޮތުގައި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.
ހައްޖު މިޝަނުން ބުނީ ހަތަރު ފްލައިޓެއްގެ މަތިން ޙައްޖާޖީން މައްކާއަށް ގޮސްފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ޙައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު މިކަމުގެ ހިއްހަމަޖެހުން ޙައްޖުވެރިން ވަނީ ފާހަގަކުރައްވާފައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ.
ހައްޖު މިޝަނުން ބުނިގޮތުގައި ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަންއިން އަންނަނީ ކުރަމުންނެވެ.
މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.




