މި އަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތައް ހ.އ އަތޮޅު ތިން ރަށެއްގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
މިގޮތުން ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. އުތީމް، ހއ. ބާރަށް އަދި ހއ. ތަކަންދޫގައެވެ.
މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިކަން ހާމަކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ތިން ރަށުގައި ގައުމީ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން މިއަދު ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
”މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައި.“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މި އަހަރުގެ ގައުމީ ދުވަހުގެ މައި ހަރަކާތް ކަމުގައިވާ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. އުތީމުގައި ކަމަށެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ.
ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.
ގައުމީ ދުވަސް ނިސްބަތްވަނީ ޕޯޗްގީޒުންގެ އަނިޔާވެރި ވަކިތަކުން މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހާއެވެ.



