ކަރަންޓު ނުދެވި ހުރި ގެތަކަށް ގަޑިއެއް ހާއިރު ތެރޭ ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު މެންދުރު އެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ، މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި ނުދެވި ހުރި ސަރަހައްދުތަކަށް ގަޑިއެއްހާއިރު ތެރޭ ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަރަންޓު ކެނޑެން ދިމާވި ސީދާ ސަބަބެއް ހާމަނުކުރި ނަމަވެސް މާ ބޮޑު މައްސަލައެއް ދިމާނުވާ ކަމަށާއި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސްޓެލްކޯއިން ބުނެްޏެވެ.
އަދި، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.




