މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރި ޒަމާނީ އައު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އިމާރާތް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކު ކުރިމައްޗަށްވާ ގޮތަށް ހުރި 6,195.27 އަކަފޫޓުގެ ބިމެއްގައި، ޖުމްލަ 3,345 އަކަފޫޓުގެ ބޮޑުމިނުގައި ބިނާކޮށްފައިވާ މި އިމާރާތަކީ 10 ފަންގިފިލާގެ ޢިމާރާތެކެވެ. އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ބޭސްމަންޓް ޕާކިންގގެ ޚިދުމަތް މި އިމާރާތުގައި ވަނީ ޤާއިމުކޮށްފައެވެ.
މި އިމާރާތުގެ މަސައްކަތް ފެށިގެން ދިޔައީ 30 މޭ 2022 ގައި އެޗްޑީސީ އާއެކު ވެވުނު ބިން ގަތުމުގެ އެއްބަސްވުމުގެ ދަށުންނެވެ. އެއަށްފަހު، 25 ސެޕްޓެންބަރު 2023 ގައި ހުނާން ސިކްސް އިންޖިނިއަރިންގ ކޮމްޕެނީއާ މި މަސައްކަތް ޙަވާލުކޮށް، އިމާރާތުގެ ބިންގާ އަޅާފައިވަނީ 17 ޖުލައި 2024 ގައެވެ. މިހާރު އިމާރާތުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ފުރިހަމަކުރެވި، ވަނީ ބޭނުންކުރުމަށް ތައްޔާރުވެފައެވެ.
އެމްޓީޑީސީން ހާމަކުރި ގޮތުގައި މި އިމާރާތުން ކުލީގެ ގޮތުގައި ކުންފުންޏަށް މެދުނުކެނޑި އާމްދަނީ ލިބޭނެ މަގު ފަހިވެ، މާލީ ހަމަޖެހުން އިތުރުވެގެންދާނެއެވެ. މިއީ ކުންފުނީގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، އާމްދަނީ ހޯދާނެ އައު ދާއިރާތައް ހޯދުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތު ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
މީގެއިތުރުން، މި އައު އޮފީސް ކޮމްޕްލެކްސް ހުޅުވުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނި ބަރޯސާވުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ފަދަ މުހިންމު މަޝްރޫޢުތައް ތަރައްޤީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއީ ކުންފުނީގެ އިންވެސްޓްމަންޓްތައް ވަރުގަދަކޮށް، ޚިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވެސް އެމްޓީޑީސީން ފާހަގަކުރެއެވެ.



