މުޅި މާލެއާއި ހުޅުމާލޭގެ އެންމެ ސަރަހައްދަކަށް ފިޔަވައި ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ، މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓުދެވިފައި ކަމަށެވެ.
ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ފިޔަވާ އެހެން ހުރިހާ ޓްރާންސްފޯމަރެއް ވަނީ އެނަރޖައިޒް ކުރެވިފައިކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، އެ ސަރަހައްދު ފިޔަވާ އެހެން އެއްވެސް ސަރަހައްދެއްގައި ކަރަންޓުގެ ހިދުމަތް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އެ ކުންފުނީގެ އެމަރޖެންސީ ނަންބަރު 104 އަށް ގުޅުމަށެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު މެންދުރު އެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާއި ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.



