ހދ. ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް މުޅިން އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޖަޕާނު ކުންފުންޏަކާއެކީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެެވެ.
މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޑަބުލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީނު މުހައްމަދުއެވެ. ކަނަޑޭވިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ތަކޭޝީ އައިބާއެވެ.
މި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ސަފީރު އިށިގާމީ ރުމިކޯ އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސްވެރިންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދޭ އާރު.އޯ ޕްލާންޓެއް، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް، އަދި 1450 ކިލޯވޮޓްއަވަރގެ ބެޓެރީ ސިސްޓަމެއް ޤާއިމްކުރެވޭނެއެވެ.

މި މަޝްރޫޢުގެ ޖުމްލަ ޚަރަދުގެ 27 އިންސައްތަ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަނުން ހިލޭ އެހީގެ ގޮތުގައި ދެއްވާއިރު، ކެނެޑޭވިއާ ކޯޕަރޭޝަނުން 27 އިންސައްތަ އަދި އެމް.ޑަބްލިޔު.އެސް.ސީން 46 އިންސައްތަ ހިއްސާކުރާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން އަހަރަކު 200,000 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، 573 ޓަނުގެ ކާބަން ޑައި އޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓުވޭނެއެވެ.
އަދި މީގެއިތުރުން، މި މަޝްރޫޢަކީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކަށާއި އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ މަޝްރޫއެކެވެ.
އެމް.ޑަބްލިޔު.އެސް.ސީން މަޢުލޫމާތު ދެއްވިގޮތުގައި މި މަޝްރޫޢުގެ ސަބަބުން ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުވެ، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.



