ދޮންކޭލަކީ މޭވާގެ ތެރެއިން ގިނަ މީހުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. އާންމުކޮށް ގިނަ މީހުން ދޮންކެޔޮ ކަނީ، އޭގެ ތޮށިގަނޑު ނޮޅާލުމަށްފަހު، އަނގަޔަށްލާ ހަފާލައިގެންނެވެ.
ނަމަވެސް ބްރިޓެންގެ އެޓިކުއެޓް ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ވިލިއަމް ހެންސަންގެ އިރުޝާދު މިކަމާ ގުޅޭގޮތުން މުޅިން ތަފާތެވެ. އޭނާ ބުނި ގޮތުގައި، އާންމުކޮށް ދޮންކެޔޮ މިކާގޮތަކީ ރަނގަޅު ގޮތެއް ނޫނެވެ.
ސޯޝަލް މީޑިއާގައި ވިލިއަމް ބުނެފައިވަނީ ދޮންކޭލެއް ނޮޅާލައިގެން، އަނގަޔަށްލާ ކެއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ދޮންކެޔޮ ކާންވީ ”ރަނގަޅު ގޮތަކީ“ ކާމޭޒެއް ކައިރީ ތައްޓަކަށް ދޮންކެޔޮ ލައިގެން އިށީންދެ، އުލާއި ވަޅިއެއް ބޭނުން ކޮށްގެން ކަމަށެވެ.
ވިލިއަމް ވަނީ އެ ވީޑިއޯގައި ދޮންކެޔޮ ކާންވީ ރަނގަޅު ގޮތުގެ ޓިއުޓޯރިއަލްއެއް ވެސް ހިއްސާ ކޮށްފައެވެ.
އެ ޓިއުޓޯރިއަލްގައި ވިލިއަމް އެންމެ ފުރަތަމަ ވަޅިން ދޮންކޭލުގެ ދެކޮޅު ކަނޑާލީއެވެ. އޭގެފަހުން އުލުން ދޮންކޭލުގެ މެދު ހިފަހައްޓާފައި، ވަޅިން ދޮންކޭލު މެދުން ކަފާލިއެވެ. އަދި އެއަށްފަހު އޫ ނައްޓާފައި އެއް އަތުން (ވަޅިން) ދޮންކެޔޮ ހިފެހެއްޓުމަށްފަހު، އަނެއް އަތުން (އުލުން) އެތެރޭގައި ހުރި ދޮންކެޔޮކޮޅު ނަގާފައި ކާލިއެވެ.
ތަރުރިބާކާރު ވިލިއަމްގެ މި ވީޑިއޯ ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ނަމަވެސް ގިނަ މީހުން ވަނީ އޭނާ ދީފައިމިވާ އިރުޝާދަށް ޖޯކު ޖަހައި، އެމީހުންނަށް މިހުރިހާ ދުވަހު ދޮންކެޔޮ ކެވެމުންދިޔަ ގޮތާމެދު މަޒާޖީގޮތުން ސުވާލު އުފައްދާފައެވެ. ބައެއް މީހުން ބުނި ގޮތުގައި ވިލިއަމްގެ މި ވީޑިއޯ ބެލުމަކީ އެމީހުންނަށް ބޭކާރު ކޮށްލެވުނު ވަގުތުތަކެކެވެ.




