މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ.
މިއީ الله تَبَارَك وَتَعَالى އެ ދުވަހަކަށް يَوْمُ الْحَجِّ اْلأَكْبَرِގެ ނަމުން ނަން ދެއްވައިފައިވާ ދުވަހެވެ. އެއީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހުގައި އަދާކުރާތީއެވެ. މިއަދު ޙައްޖުވެރީން މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެތެވެ. އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެތެވެ. އަދި ހަދުޔު ކަތިލައި، ޠަވާފުލްއިފާޟާ ކުރާނެތެވެ.
މާތްالله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން طواف ކުރާހުށިކަމެވެ!“
މިއީ ޙައްޖުގެ އެންމެ ބޮޑު ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް اللهގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް اللهގެ ޙަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެކެވެ.
ޙައްޖުވެރީންގެ މި ބައްދަލުވުން ހިނގަމުންދާ އިރު މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުން މާތް الله އަށް ތަކުބީރުކިޔައި، ޢީދުނަމާދުކޮށް، އުޟުހިޔާ ކަތިލާނެއެވެ.
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.
އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭށެވެ. ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރެވެ. ކޮންމެ ހުކުރު ދުވަހަކު ޤާއިމުކުރެވޭ ހުކުރު ނަމާދުން މިއަށްވުރެ ބޮޑު ޖަމާޢަތެއް ފެނެއެވެ. ޢީދު ނަމާދުން ރަށުގެ ގިނަބަޔެއްގެ ބޮޑު ބައްދަލުވުމެއް ފެނެއެވެ.
ދެން ފެންނަނީ ޙައްޖެވެ. އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެކެވެ. އެހެންކަމުން ޙައްޖަކީ މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ އަޅުކަމެކެވެ.
ޙައްޖުގެ އަޅުކަމުން އަހަރެމެންނަށް ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَامގެ ވާހަކަތަކެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْلُ عَلَيْهِ السَّلَام ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާއެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެ ހިނދު دُعَاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މި ކަން) قَبُوْلُ ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
މާތް اللهގެ އަމުރުފުޅަށް މި ގެފުޅު ބިނާކުރައްވައި، ތައުޙީދަށް ގޮވައިލެއްވީ إِبْرَاهِيْم عَلَيْهِ السَّلَامއެވެ. އިސްލާމް ދީނުގެ ރޫޙު ކަމުގައިވާ ތައުޙީދުގެ ރަމްޒަކީ إِبْرَاهِيْم عَلَيْهِ السَّلَامއެވެ. އެކަލޭގެފާނު މާތް الله އަށް ޓަކައި އެ ކަލޭގެފާނުގެ ވަޠަން ދޫކުރައްވައި ހިޖުރަކުރެއްވިއެވެ. ތައުޙީދަށް ޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ނުރައްކާތަކަށް ހުށަހެޅުނެވެ. އެކަލޭގެފާނު އަލިފާނަށް އެއްލައިލެވުނެވެ. މާތް اللهގެ ދަޢުވަތަށް ޓަކައި އެކަލޭގެފާނު އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގެން، ތައުޙީދު ފެތުރުއްވުމުގައި ކުރިއަށް ވަޑައިގަތެވެ. إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވިއެވެ.
މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތްކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެއެވެ. ފަހެ، ތިބާޔަށް (އެ ކަމާ މެދު) ފެންނަ ގޮތެއް ވިސްނައިބަލާށެވެ!“
މި ހިނދު އިސްމާޢީލުގެފާނު ދެންނެވީ ކީކޭތޯއެވެ!
”ބައްޕާއެވެ! ކަލޭގެފާނަށް الله އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! الله އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.“
އިސްމާޢީލުގެފާނު މި ތާނގައި މާތްﷲގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތީއެވެ. ދެ ބަފައިކަލުން ވެސް ކެތްތެރިވެ ވަޑައިގަތީއެވެ. ބަފައިކަލުން، ދަރިކަލުން ޤުރްބާން ކުރެއްވުމަށް ޓަކައި ވަޅި ނެންގެވިއެވެ. ދަރިކަލުން ބަފައިކަލުންނަށް ކިޔަމަންވެ ވަޑައިގެން، ބަފައިކަލުންނަށް ކަނދުރާ ލަންބަވައިލެއްވިއެވެ. އެ ހައި ހިސާބުން އިމްތިޙާނުން ފާސްވީކަމުގެ އުފާވެރި ޚަބަރު އަތުވެއްޖެއެވެ.
މާތް الله ޙައްޖާއި ޢީދު ޝަރުޢުކުރެއްވީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށް ޓަކައެވެ.
ތިޔަބައިމީހުން މާތް اللهއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ! މި ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، ތިމާގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދާށެވެ! އެއިރުން މުސްލިމުން ޢިއްޒަތްތެރި ބަޔަކަށް ވާނެއެވެ.



