ކްރޮއޭޝިއާގެ ޒެގްރެބްގައި އެކަނިވެރި ދިރިއުޅުމެއް އުޅެމުން ދިޔަ އަންހެނަކު ގެއްލިއްޖެކަން މުޅި ދުނިޔެއަށް އެނގުނީ އޭނާ މަރުވިތާ 42 އަހަރު ފަހުންނެވެ.
ހެޑްވިގާ ގޮލިކް ނަމަކަށް ކިޔާ އެ އަންހެން މީހާ އެންމެ ފަހުން އެއްވެސް މީހަކަށް ފެނުނު ހަނދާން ވަނީ 1966 ވަނަ އަހަރުގައެވެ. ނަމަވެސް ކުއްލިގޮތަކަށް އޭނާ ގެއްލުމުން ވެސް އެއްވެސް މީހަކު އޭނާ ކޮބައިތޯ ބަލާލައިފައެއް ނުވެއެވެ. އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައެއް ވެސް ނުވެއެވެ. އަދި އޭނާ ނެތްކަންވެސް މީހުންނަށް ހަނދާނެއް ނުވިއެވެ.
ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ހެޑްވިގާ އަބަދުވެސް ފެނިފައިވަނީ އެކަނިވެރިކޮށެވެ. އޭނާއާއެކު އޭނާގެ އާއިލާ މީހަކު ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އަދި ގާތް އެކުވެރިއަކު ހުންނަކަމެއް ވެސް އެނގިފައެއް ނުވެއެވެ. މީހުންނާއެކުގައި އުޅޭތަނާއި ވާހަކަ ދައްކާތަން ފެނިފައި ނުވުމުން، ކުއްލިއަކަށް ހެޑްވިގާ ގެއްލުމުން ވެސް މީހުންނަށް އެކަން ނޭނގުނެވެ.
ހެޑްވިގާ މަރުވެއްޖެކަން އެނގުނީ 2008 ވަނަ އަހަރުގައެވެ. އޭނާ ދިރިއުޅެމުންދިޔަ ގެ އެހެން ބަޔަކަށް ވިއްކާލަން އިއުލާނު ކުރުމުގެ ކުރިން، ފުލުހުން އެތަން ބަލައިފާސް ކުރަން ވަނުމުންނެވެ. ދޮރު ވައްޓާލައިގެން އެތެރެއަށް ވަންއިރު ފެނުނު މަންޒަރުން އެއިރުގެ ޚަބަރުތަކުގެ ފަލަ ސުރުހީގައި ލިޔެވުނެވެ. ފުލުހުންނަށް ފެނުނީ، ކުރީ ޒަމާނުގެ ވިންޓެޖް ޓީވީއެއް ކުރިމަތީގައި އަތްގޮނޑިއެއްގައި އިށީންދެގެން އިން މަރުވެފައިވާ އަންހެނެއްގެ ކަށިގަނޑެވެ.
ވަރަށް ބޮޑަށް ތަހުގީގު ކުރުމުން އެއީ ހެޑްވިގާގެ ކަށިގަނޑުކަން ވަނީ ހާމަވެފައެވެ. އޭނާ މަރުވީ އޭގެ 42 އަހަރު ކުރިން ކަމަށާއި މަރުވެއްޖެކަން އެއްވެސް މީހަކަށް ނޭނގޭކަމަށް ވެސް ފުލުހުން ވަނީ އެއިރު ބުނެފައެވެ.




