ފާއިތުވީ ހަތަރު މަހު ޓެކްސްއިން ރާއްޖެއަށް ލިބުނު އާމްދަނީ 13 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ޓެކުހުން ލިބިފައިވަނީ މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ 45 ޕަސެންޓެވެ. މިއަހަރު ނިމޭއިރު ޓެކްސް އާމްދަނީގެ ގޮތުގައި 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ މިނިސްޓްރީން ލަފާކޮށްފައިވެއެވެ. އެގޮތުން ޓެކުހުން ލިބުނު އާމްދަނީ މިވަނީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް އިތުރުވެފައެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އާމްދަނީ އިތުރުވެފައިވާއިރު ގްރީން ޓެކްސް އިން ނަގާ އަދަދު ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިތުރުކޮށްފައެވެ. އަދި އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީއަށް އިތުރު އެއް ޕަސެންޓް އިތުރުވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ. އެއާއެކު ވެސް ޓެކުހުން ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ގްރީން ޓެކްސް އިން މިހާތަނަށް އައިއިރު 958 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި މިއަހަރު އެ ޓެކްސްއިން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އެއީ ގްރީން ޓެކްސް ބޮޑުކުރުމުން އިތުރުވާ 964 މިލިއަން ރުފިޔާއާ އެކުއެވެ.
ޓީޖީއެސްޓީ ޖުލައި މަހުން ފެށިގެން އެއް ޕަސެންޓަށް ބޮޑުކުރުމުން އާމްދަނީ 202 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. އަދި މިއަހަރުގެ މިހާތަނަށް 5.5 ބިލިއަން ރުފިޔާ ޓީޖީއެސްޓީއަށް ލިބިފައިވެއެވެ. ޓީޖީއެސްޓީ އަކީ އެއް ޓެކްސްއަކުން ދައުލަތަށް އެންމެ ބޮޑު އަދަދެއް ލިބޭ ޓެކްސްއެވެ.



