އައްޑޫ ސިޓީގައި ރައްޓެހިންތަކަކާ އެކީ އުޅެނިކޮށް ކުއްލިގޮތަކަށް ނިޔާވި މީހަކު، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ލާފައި ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ވެމްކޯގައި މަސައްކަތް ކުރި އިބްރާހިމް އަމީން ހަސަން ދީދީއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 6:00 ހާއިރު އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ މައްސަލަ ހެނދުނު 8:28 ހާއިރު އެ ހޮސްޕިޓަލުން ހުށަހެޅި ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އަމީންއާއި އޭނާގެ ރައްޓެހިންތަކެއް އައްޑޫއަށް ގޮސް ކޮޓަރިއެއް ނެގީ ރޭ ފަތިހު 4:00 ހާއިރެވެ. ސީސީޓީވީ ކެމެރާއިން ފެންނަ ގޮތުގައި ތިން މީހަކު ރޮމުން، އަމީން ކޮނޑަށް ލައިގެން ގެންދާ މަންޒަރު ފެނެއެވެ. އެއަށްފަހު އެމީހުންވަނީ އަމީން ހޮސްޕިޓަލަށް ލާފައި، އެތަނުން ގޮސްފައެވެ.
އަމީންގެ މަރާގުޅޭގޮތުން ޝައްކުތަކެއް ހުރުމުން އޭނާގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.



