ލ. ގަން ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގަން ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލަ މިރޭ 7:03 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި، އޭނާގެ ބޯ ވެސް ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ވެސް ވަނީ ލިބިފައެވެ.
ސައިކަލު ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެެނެއްގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް، އޭނާގެ ވެސް ކަނާތު ފައި ދެ ތަނަކުން ބިނދި އިތުރު އަނިޔާތަކެއްވެސް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި އުމުރުން 62 އަހަރުގެ ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުވީ ދެ އުޅަނދަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



