ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް، ފްރާންސްގެ ނިސް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގައި ބައިވެރިވެ ވަޑައިގަތުމަށް އިއްޔެ ފުރާވަޑައިގަންނަވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމެވެ.
މީގެއިތުރުން ދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނުދަނޑި ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްވެސް މި ޖަލްސާގައި އަލިއަޅުވާލެވޭނެ ކަމަށް ވެސް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.
މިފަދަ ބައްދަލުވުމެއްގައި މިނިސްޓަރ ތޯރިގު ބައިވެރިވެވަޑައިގަތުމުން، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމުގެ ފުރުސަތު ލިބޭނެ އެވެ.




