އަންހެން ހެދުން އަޅައިގެން ޓިކްޓޮކް މެދުވެރިކޮށް ހުތުރު ވީޑިއޯތައް ޕޯސްޓު ކުރަމުންދާ ”ޔާޔާ ނަބީލް“ ގެ ލެޕްޓޮޕާއި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިރޭ ހާމަކުރި ގޮތުގައި، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ޔާޔާ ނަބީލް ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގައި އޭނާގެ ލެޕްޓޮޕަކާއި ފޯނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޖެހިލުމެއް ނެތި ބިރުކުޑަކޮށް، އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ހަޑި މުޑުދާރު ވައްތަރުތަށް ޖައްސަމުންދާ މި ފިރިހެން މީހާގެ މައްސަލަ ނޫސްވެރިން އިސްވެ ސަމާލުކަމަށް ގެނެސް، އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެޅި ފިޔަވަޅަކާމެދު ސުވާލު އުފައްދަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
މި މައްސަލައިގައި އޭނާ ވަނީ ކުރިން ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ. ނަމަވެސް ބަންދުން ދޫވުމަށްފަހު އަނެއްކާވެސް އެފަދަ ޢަމަލުތައް އޭނާވަނީ ހިންގަން ފަށާފައިވެއެވެ.
މިހާރު އޭނާ ދަނީ މާލޭގައި ހުންނަ ފޮތި ފިހާރައެއްގައި ހުރެގެން ޓިކްޓޮކް މެދުވެރިކޮށް ލައިވްވެ ހުތުރު ޢަމަލުތައް ހިންގަމުންނެވެ.
މިފަދަ ނުރަނގަޅު ޢަމަލުތައް ހިންގަމުންދާތާ ގިނަ ދުވަސްވީ ނަމަވެސް، އެކަށީގެންވާ ފިޔަވަޅެއް އޭނާއާއި ދޭތެރޭ އެޅިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލައިގައި އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



