މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުރި 42 ވެހިކަލެއް އިއްޔެ ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ދެ ފުރޮޅުލީ 37 އުޅަނދާއި ހަތަރު ފުރޮޅުލީ ފަސް އުޅަނދު ހިމނެއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މި މަސައްކަތް ފެށުމުގެ ކުރިން އެފަދަ ވެހިކަލްތައް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުންވަނީ ދީފައެވެ.
ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާ މެދުވެސް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި މިގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



