އައިފިލްމްސް އިން އަލަށް އުފައްދާ ދިވެހި ފިލްމު ”ލޯބިން…؟“ ގެ ފަސްޓް ލުކަށް ހޫނު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބިއްޖެއެވެ.
މި ފިލްމުގެ ފަސްޓްލުކް އައިފިލްމްސްއިން ހިއްސާ ކޮށްފައިވަނީ، މިދިޔަ ބުދަ ދުވަހުގައެވެ. އެއާއެކު ގިނަ ބަޔަކު ދައްކަމުން ދިޔައީ ފިމްލުގެ މަންޒަރުތަކުގެ ޗާލުކަމުގެ ވާހަކައާއި، ތަފާތުކަމުގެ ވާހަކައެވެ. އައިފިލްމްސް އިން ހިއްސާ ކޮށްފައިވާ އެ ވީޑިއޯ ކޮޅުން ފެންނަނީ މިފިލްމުގެ ލީޑް އެކްޓަރުން ވަރަށް ލޯބިން އުޅޭ މަންޒަރުތަކެކެވެ. އަދި ހަމައެއާއެކު ނުހަނު ބޮޑެތި އަނިޔާއާއި ވޭންތަކެއް ލިބެމުންދާ މަންޒަރުވެސް ފެނިގެންދެއެވެ.
މިއަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ”ލޯބިން…؟“ އަކީ މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އުފައްދާ ފުރަތަމަ ލޯބީގެ ފިލްމެވެ. އެގޮތުން މި ފިލްމު ހަދާފައިވަނީ، ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްކަން އެނގިފައިވެއެވެ.
“ ’ލޯބިން…؟‘ އަކީ އެންމެ އަނދިރި ޖާގަތަކުގައި ތަޖުރިބާކުރާ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ ލޯބީގެ ދިލްކަޝް ޑްރާމާއެކެވެ.
މަޖުބުރީ ހާލަތްތަކެއްގެ ސަބަބުން ހަށިވިއްކުމަށް މަޖުބޫރުވެފައިވާ ޒުވާން އަންހެނެއްގެ އަގު ޙަޤީޤަތުގައި ވަޒަންކުރާ ފިރިހެނަކާ ބައްދަލުވުމުން ހީވެސް ނުކުރާ ލޯތްބެއް، އެ ދެމީހުންގެ ދެމެދުގައި ފޮޅެން ފަށައެވެ. ނަމަވެސް ފައިސަލާ (ޙުކުމް)، ސިއްރުތަކާއި އަދި ދިރިތިބުމަށް ކުރާ މަސައްކަތުގެ ނަތީޖާއިން އެ ލޯބި ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟“ ފިލްމާ ބެހޭގޮތުން އައިފިލްމްސް އިން ނެރެފައިވާ ކުރު ސިނޮޕްސިސްގައި ބުނެފައިވެއެވެ.
މި ފިލްމުގެ ލީޑް ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ، ތާތި އާދަމް، އިފްނާޒް ފިރާގް، އަހްމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. އިތުރު ކާސްޓުންގެ ގޮތުގައި މުހައްމަދު ޔާމިން އަލީ (ޔާމްބެ)، އަހްމަދު ޝާކިރު (ޝާއްކޮ އަންމަޑޭ)، އައިމިނަތު ރަޝީދާ އަދި އައިޝަތު ގުލްފާ ހިމެނެއެވެ.



