ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެވަގުތު އަރައި އިންސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމުން ކަމަށެވެ.
އަދި އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.
އަދި މީގެއިތުރުން އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



