އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލުވާނެ ކަމުގައި ކޮންޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްޠަލިބް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެ އެއްބަސްވުން އުވާލައި މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޑިޒައިން ފައިނަލްނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިހުރި ކަމަށާއި އެއްބަސްވުމާ ޚިލާފަށް ޓެންޑަރ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، މިހާރު އެމްޑަބްލިއުއެސްސީއާ މަޝްރޫއުތައް ހަވާލުކޮށް، ކުރިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނަގައި އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.




