ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އަމާޒުކޮށް ވަރަށް ހާއްސަ އެކްސްޕޯއެއް މި މަހު ބޭއްވުމަށް ކިޔު ސްޓަޑީއިން ތައްޔާރުވެއްޖެއެވެ.
ބާސެލޯ ނަސަންދުރައިގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި 30 އަށްވުރެ ގިނަ އިންޓަނޭޝަނަލް ޔުނިވަސިޓީން ބައިވެރިވާނެ ކަމަށް އެ އެކްސްޕޯ އިންތިޒާމްކުރާ ކިޔު ސްޓަޑީ އިން ބުނެފައިވެ އެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 އާއި 21 ވަނަ ދުވަހުގެ ހަވީރު 6:00 އިން ރޭގަނޑު 10:00 އަށެވެ.
މި ދެ ދުވަހު ބާއްވާ މި ޚާއްސަ އެކްސްޕޯގައި އެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށް ކިޔު ސްޓަޑީން ބުނެފައިވެއެވެ. އަދި މީގެ ކުރިން ކުރިއަަށް ގެންގޮސްފައިވާ އެކްސްޕޯތަކާއި މި އެކްސްޕޯ ތަފާތު ވާނެ ކަމަށް، އެކްސްޕޯ އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވެއެވެ.

އެގޮތުން ޔުނިވަސިޓީއާއި ކިޔަވަން ދާން ބޭނުންވާ ދަރިވަރާއި ދެމެދު ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ އެންމެހާ ކަންކަމުގައި އެހީތެރިވުމާއި އަދި ޕްލޭސްމަންޓް ކަށަވަރުވުމަށް ފަހުވެސް އެހީތެރިކަން ދެމިގެންދާނެ ކަމަށް ކިޔު ސްޓަޑީ އިން ބުނެފައިވެއެވެ.




