މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލި ރިޔާސީ ކޮމިޝަނުން، ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލްއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަންކަން އިތުރަށް ތަހުގީގުކުރަން ލަފާ ދީފިއެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން ފެންމަތިވީ އެތައް ކަމަކަށްފަހު ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓަޖީގެ އަންޑަސެކްރެޓަރީގެ މަގާމުން ދާއޫދު ސަސްޕެންޑުކޮށް، ޔޫތު ކައުންސިލުން އޭނާ ވަނީ ވަކިކޮށްފައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، އޭނާއާއެކު ހ. ފެންޓެނޯއީ ގެއަށް އޭނާއާއެކު ވަދެފައިވަނީ، ދާއޫދުގެ ކޮއްކޮ ރައުދު އަހްމަދު ޒިލާލް އެވެ. ރައުދުއާއި ޔުމްނު ވެސް އެ ރޭ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި ރައުދުގެ ޕާސްޕޯޓު ވެސް މި މައްސަލައާ ގުޅިގެން ވަނީ ހިފަހައްޓާފައެވެ.
އެއަށްފަހު ދާއޫދުވެސް މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ މަންޒަރު ފެންނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އޭނާ ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓަޖީގެ އަންޑަސެކްރެޓަރީގެ މަގާމުން ސަސްޕެންޑުކޮށް، ޔޫތު ކައުންސިލުން ވަކި ކޮށްފައިވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ދާއޫދު މަގާމުން ވަކިކުރަން ގޮވާލައި ގިނަ ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަނުން އިއްޔެ އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ، ދާއޫދު އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި އެ ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި ތަފާތުތަކެއް ހުރުމާ އެކު، އޭނާ ދިނީ ދޮގު ބަޔާންތަކެއްކަން ފާހަގަވެފައިވާ ކަމަަށެވެ.
ދާއޫދު ކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައިވަނީ:
° ރައުދުއާ ދިމާވީ 18 އޭޕްރީލްގެ ފަތިހު 5:30 އާއި 6:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް
° ހ. މާއިރާއަށް ރައުދު ވަނީ އަމިއްލައަށް، އޭނާ ގެއަށް ގެނައީ ކާކުކަން ނޭނގޭ ކަމަށް
° ސަރުކާރުގެ އެއްވެސް އިސް މީހަކާ މި މައްސަލައިގެ ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ނުކުރާ ކަމަށް
° ޔުމްނު ވެއްޓުމާ ބެހޭ އެއްވެސް ވާހަކައެއް ރައުދު، ދާއޫދުގެ ގާތުގައި ނުބުނާ ކަމަށް؛ ޔުމްނު ވެއްޓުނުކަން އެނގުނީ ރައުދު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށްފަހު އައިއޯ ބުނުމުން ކަމަށް



