ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބެޑް ކެޕޭސިޓީއަށް މި އަހަރުގެ މިހާތަނަށް 785 އެނދު އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއާއެކު މިހާރު ރާއްޖޭގެ ޖުމުލަ ބެޑް ކެޕޭސިޓީ 64،033 އަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު 63،248 ގައި ހުރި އަދަދު އިތުރުވެފައިވާ މިންވަރެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ޖުމުލަ 1،203 ޓޫރިސްޓު ފެސިލިޓީ ހިންގަމުން ގެންދެއެވެ. މީގެ ތެރޭގައި 175 ރިސޯޓާއި، 853 ގެސްޓުހައުސްއާއި، 159 ސަފާރީގެ އިތުރުން 16 ހޮޓާ ހިމެނެއެވެ.
މިހާރުގެ ބެޑް ކެޕޭސިޓީގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ އެނދު ހިމެނެނީ ރިސޯޓުތަކުގައި ކަމަށްވާއިރު، އެއީ 44،047 އެނދެވެ. ދެން އެންމެ ގިނަ އެނދު ހިމެނެނީ ގެސްޓުހައުސްތަކުގައި ކަމަށްވާއިރު، އެއީ 14،514 އެނދެވެ.
މީގެ އިތުރުން ސަފާރީތަކުގައި 3،162 އެނދާއި ހޮޓާތަކުގައި 2،310 އެނދު ހިމެނެއެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަހަރުން އަހަރަށް ކުރިއަރަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،043،080 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.1 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 956،360 ޓޫރިސްޓުންނެވެ.
ރާއްޖެއަކީ ލަގްޒަރީ މާކެޓުގައި އެންމެ މަޤުބޫލު އެއް މަންޒިލު ކަމަށްވާއިރު، މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އަދި ގެސްޓުހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު، އަހަރުން އަހަރަށް ރިސޯޓުތައް ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.




