ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފިއެވެ.
ފުލުހުން ބުނީ ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ޖޫން 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ވަނީ ހޯދާފައި ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކޮށްފައެވެ. ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




