ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ެވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި އަލަށް އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ މެންބަރުންނާއެކު އެ ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ، ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމުން އެ މެންބަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާ ރޭގައި ނެރުނު ނޫސްބަޔާނެއްގައެވެ.
ދަ ޑިމޮކްރެޓްސް އުވާލައި، ރައީސް ނަޝީދާއި އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެ ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.
އެ ސަބަބާ ގުޅިގެން، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލު ކުރުމަށް އިދިކޮޅު އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ޑިމޮކްރެޓްސްއިން ހުށަހަޅައި ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.
އެމްޑީޕީން ރޭގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީއަކީ ޤައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުން ކޮންމެ ބަޔަކަށް ވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށެވެ.




