އިދިކޮޅު އެމްޑީޕީގެ މެންބަރުންނަކީ މާޒީގެ އަޅުންކަމަށް ވެގެން ނުވާނެ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުވާލައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ މެންބަރުން އަލުން އިދިކޮޅު އެމްޑީޕީއާ ގުޅެން ނިންމުމާ ގުޅިގެން، އެކަމަށް މަރުހަބާ ވިދާޅުވަމުންނެވެ.
އެގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
”އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ. އަޅުގަނޑުމެން އަބަދު ވެސް އަމާޒު ހިފަންވާނީ މުސްތަގުބަލަށް،“ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުވާލައި، ރައީސް ނަޝީދާއި އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެ ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.
އެ ސަބަބާ ގުޅިގެން، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލު ކުރުމަށް އިދިކޮޅު އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ޑިމޮކްރެޓްސްއިން ހުށަހަޅައި ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.
އެންމެ ފަހުން އެމްޑީޕީ ވެރިކަމުގައި އޮތްއިރު އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު، ރައީސް ނަޝީދާއި އީވާ ހިމެނޭހެން ގިނަ މެންބަރުންތަކެއް ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.
ނަމަވެސް މި އަހަރު ތެރޭގައި ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އަލުން އެމްޑީޕީއާ ގުޅި، ޑިމޮކްރެޓްސް އުވާލަން މިހާރު ވަނީ ނިންމާފައެވެ.




