ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުންދާ އިންވެސްޓުމެންޓު ސްކީމަށް އިންވެސްޓުކުރި މީހުންނަށް ފައިސާ ނުނެގޭ މައްސަލަ ހޫނުވެ، އެ ސްކީމަށް އިންވެސްޓުކޮށްފައި ތިބި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ޖެމްކިޔު އަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމަށް ވަނުމަށް ހިތްވަރުދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ވަނީ މިދިޔަ ހަފްތާގައި އަންގާފައެވެ.
އެ އެންގުމަށްފަހު، ޖެމްކިޔުއަށް އިންވެސްޓުކޮށްގެން އުޅޭ މީހުން ތިބޭ ޓެލެގްރާމް ގްރޫޕެއްގައި މިއަދު ވަނީ އެއަށް އިންވެސްޓުކޮށްފައި ހުރި ފައިސާ ނުނެގޭކަމުގެ ޝަކުވާ ކުރަން ފަށައިފައެވެ.
އެގޮތުން ޖެމްކިޔު ސްކީމަށް ފައިސާ ޑިޕޮސިޓް ކުރެވޭ ކަމަށާއި ނަމަވެސް ފައިސާ ނުނެގޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ ކުރިން ގްރޫޕުގެ މެންބަރުންނަށް މެސެޖުކުރެވޭ މި ކަންބޮޑުވުމާއެކު، ގޮތަށް އޮތް ”ޖީއެމްސީއީ އެމްވީ ގްރޫޕް“ އަށް އެޑްމިނުން ފިޔަވާ އެހެން މީހުންނަށް މިހާރު މެސެޖެއް ވެސް ނުކުރެވޭކަމުގެ ޝަކުވާވެސް ވަނީ އުފެދިފައެވެ. އެ ގްރޫޕުގައި 40،000 އަށް ވުރެ ގިނަ މީހުން މިހާރުވެސް އެބަތިބިކަން ފާހަގަ ކުރެވެއެވެ.
ޖެމްކިޔުއާ ގުޅޭގޮތުން ފުލުހުން މިދިޔަ ހަފްތާގައި އެންގި އެންގުމުގައި ބުނެފައިވަނީ، އެ މުއައްސަސާއާއި ސީއެމްޑީއޭ އާ ގުޅިގެން ޖީއެމްސީއީގެ މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އެންގުމުގައި ބުނެފައިވެއެވެ.



