މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ދައުރުގެ މުއްދަތު ހަމަވާތީ އެ ބޯޑަށް މެންބަރުން އައްޔަނު ކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.
މި ފުރުސަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 6 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސްގެ އޮފީހުން ކަމުގައި އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
މީރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ.



