ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ތަހުޤީގު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
އެގޮތުން ސީޕީ ނަވީން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މިހާތަނަށް އެކަމަކަށް ހައްލެއް ނުގެނެވި، ގިނަ ދުވަސްތަކެއް ވެފައިވާ ޤައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެއީ ކޮންމެ ސަރުކާރެއްގައިވެސް ހައްލުކުރުމަށް މަސައްކަތްކުރާ މައްސަލައެއް ކަމަށާއި ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ކަމަށް ސީޕީ ވިދާޅުވިއެވެ.
މި ސަރުކާރުގެ ފަރާތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުތައް ހުށަހަޅުއްވާފައިވާއިރު އެ އިސްލާހުތަކާއެކު މަސްތުވާތަކެތި ހުއްޓުވުމަށް އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށާއި އެ މަސައްކަތުގެ ދަށުން ފުލުހުންގެ ތަހުގީގުކުރުމުގެ ވައްޓަފާޅިއަށް ވެސް ބަދަލު ގެންނަވާނެ ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ވަރަށް ބޮޑެތި މަސައްކަތްތަކެއް މީގެ ކުރިންވެސް ކުރެވިފައިވޭ. އަދި ވަރަށް ބޮޑެތި އަދަދުތަކުން ޑްރަގް ހޯދާފަވެސްވޭ. އެކަމަކު އަޅުގަނޑުމެންގެ ތަހުގީގުކުރުމުގެ ވައްޓަފާޅިއާ އެއްޗެހި ހަމަގައިމުވެސް ބަދަލުކުރާނަން. ފައިސާ ހޯދާ ތަނަކާއި އެ ގެންނަ ފަރާތްތަކުން ފައިސާ ގެންގުޅޭގޮތާއި މިހުރިހާ އެއްޗެއް ތަހުގީގުގައި އަޅުގަނޑުމެން އިތުރަށް ހަރުދަނާ ކުރާނަން.“ ސީޕީ ނަވީން ވިދާޅުވިއެވެ.
މީގެއިތުރުން ސީޕީ ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަން ހާސިލް ކުރެވޭނީ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު މަދުކޮށް، އެ ބޭނުން ކުރާ ފަރާތްތަކަށް ދޭންޖެހޭ ފަރުވާ ދެވިގެން ކަމަށެވެ.




