ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައި ވަނީ، ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ޙާދިސާއާ ކަމަށާއި މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިސާ ކަމަށެވެ.
މިއަދުގެ ޚުޠުބާގައި ބުނީ ﷲގެ މަގަށް ގޮވައިލައްވާން، ރަސޫލާ މައްކާގައި ތޭރަ އަހަރު ހުންނެވުމަށް ފަހު، އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެބައިމީހުން ރާވަމުން ދިޔަަ ކަމަށާއި އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވި ކަމަށެވެ.
”މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެއް“ ޚުތުބާގައި ބުނެފައި ވެއެވެ.
ޙުތުބާގައި ބުނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށާއި ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެެވެ.
ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވީ ރަށާއި، ޢާއިލާގެ ބޭފުޅުން، އިސްލާމްދީނުގެ ދިފާޢުގައި ދޫކުރައްވާފައި ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައި ވެއެވެ.
“ މައްކާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހޭ،“الله ގަންދެއްވައި ވިދާޅުވަމެވެ! ހަމަކަށަވަރުން ތިޔަ ބިމަކީ اللهގެ ޙަޟުރަތުގައި އެންމެ ހެޔޮކަން ބޮޑު އަދި اللهއަށް އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. އަދި ތިމަން ކަލޭގެފާނު ނެރެނުލެއްވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން އެބަހީ މައްކާގެ ބިމުން ނުކުމެވަޑައެއްނުގަތީމުހެވެ.“ ޚުތުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައިވުން ކަމަށެވެ.
މީގެ އިތުރުން ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާއެކު ދެމިތިބޭނޭކަމުގެ ފިލާވަޅު ކަމަށާއި ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާ އެކު ތިބުމަށް ޢަޒުމުކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭތޯ މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.



