ދައުލަތުގއ ހަރަދުތައް 23 އިންސައްތައަށް ދަށްކޮށްފައިވާކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު 72.1 އިންސައްތައިން ދަށްވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ. އަދި މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ ފާއިތުވި އަހަރާއި އަޅާބަލާއިރު ދަށް މިންވަރެއްގައި ދަމަހައްޓާފައެވެ.
މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، މި އަހަރަށް އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ފާސްކުރެވުނު 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާއެވެ.



