ރާއްޖޭގައި މިހާރު މަޝްހޫރުވަމުން އަންނަ އެއް ޓިކްޓޮކް ސްޓާ އަދި އިންފްލުއެންސަރ އައިޝަތު ޒިވާ (ޒިކީ) ގެ އިންސްޓަގްރާމް އެކައުންޓް _.zikii ވަނީ ހެކް ވެފަ ކަމަށް އޭނާ ރޭގައި ވަނީ ބުނެފައެވެ.
”ޒިކީ މިދަނީ“ ގެ ގޮތުގައި މަޝްހޫރުވި ޒިކީ، އޭނާގެ އެހެން އެކައުންޓަކުން ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ އޭނާގެ އެ އެކައުންޓު ހެކް ވެފައިވާ ކަމަށާއި އޭނާގެ ޕަބްލިޖް އަދި ޕްރައިވެޓް އެކައުންޓުން ވެސް މެސެޖުކޮށް އަދި ޕޯސްޓުކޮށް ހަދަނީ ވެސް އޭނާ ނޫން ކަމަށެވެ.
ޒިކީ ބުނެފައިވަނީ އިންފްލުއެންސަރުން ވައްޓާލުމަށް ބައެއް މީހުން މަސައްކަތް ކުރަމުން ދިޔުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެމީހުންގެ ޒާތީ އަމިއްލަ ދިރިއުޅުމަށް އެއްވެސް އިހުތިރާމެއް ނުކުރުމަކީ ވެސް ދެރަ ކަމެއް ކަމަށެވެ.
”މީހުން އަހަރެންގެ ޒާތީ ކަންތައްތަކާ އެގޮތަށް ބެހޭކަށް، އަހަރެން އެއްވެސް ނުބައި ކަމެއް ނުކުރަން“ ޒިކީ ބުނެފައިވެއެވެ.
އިންސްޓަގްރާމް އެކައުންޓު ހެކްވި ވާހަކަ ރޭގައި ޒިކީ ބުނެފައިވާއިރު، އަމިއްލަ ނަފްސަށް ގެއްލުން ދީގެން ޒިކީއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ވެސް ބުނެ އިއްޔެ ވަނީ ވާހަކަތަކެއް ފެތުރިފައެވެ. ނަމަވެސް އެކަން ކާމާބެހޭ އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.



