މި ހިނގާ 2025 ވަނަ އަހަރުގެ މިހާތަނަށް ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަންޏަށް ދެއްކުމަށްފަހުވެސް، ދައުލަތުގެ ބަޖެޓު ސާޕްލަސް 1.3 ރުފިޔާގައި ހިފެހެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއިއެކު، ދައުލަތުގެ ބަޖެޓުގެ ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފައެވެ.
މި ހަފްތާގައި ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ފާއިތުވި އަހަރުތަކުގައި ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 1.8 ބިލިއަން ރުފިޔާ އިން ވަނީ އިތުރުވެފައެވެ.
އެގޮތުން ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، މިހާތަނަށް ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ވަނީ ހޭދަކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން މިދިޔަ ހަފްތާގެ ނިޔަލަށް ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.



