އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް، ތުރްކީގެ އީސްޓަންބުލްއަށް، ކުރެއްވި ދަތުރު ނިންމަވާލައްވައިފިއެވެ.
އެ ކައުންސިލު ބައްދަލުވުމުގައި ރޭގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.
އެގޮތުން މިނިސްޓަރ ޚަލީލް ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދެއް ނެތް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްދޭ އަނިޔާތަކުން ފެށިގެން އިރާނަށް ދިން ހަމަލާތަކުން ވެސް އެ ގައުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ބޮަޑު ނުރައްކަލެއްކަން ދޭހަވާ ކަމަށެވެ.
ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމުގައިކަން ފާހަގަ ކުރައްވަމުން ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ފޮރިން މިނިސްޓަރުނަގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މިނިސްޓަރ ޚަލީލްއާއެކު މި ދަތުރުގައި ރާއްޖެއިން އޯ.އައި.ސީ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަޙްމަދު ސަރީރު، ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޑިރެކްޓަރ ފާތިމަތު ރަޒާނާ، ތުރުކީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އައިޝަތު ރައިހާނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.



