އީރާންގެ ނިއުކްލިޔަރ ޕްރޮގްރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް އެމެރިކާއިން ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅިގެން، ޔަހޫދީންގެ ރަށްތަކަށް އީރާނުން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރަށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާންގެ އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ޤާއިމްކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކަށް ބާރުގަދަ ބޮންތައް ބޭނުންކޮށްގެން ޙަމަލާ ދީފައެވެ.
އީރާނުން އަނބުރާ ދިން ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވާއި ޤުދުސްގެ އިތުރުން ޙައިފާއަށެވެ.
އީރާނުގެ އިންޤިލާބީ ފައުޖުން ބުނާ ގޮތުގައި މި ޙަމަލާތަކުގައި ބޭނުންކޮށްފައިވަނީ އެންމެ ބާރުގަދަ އަދި ޒަމާނީ ޚައިބަރު ޝީކަން މަރުކައިގެ ބެލިސްޓިކް މިސައިލްތަކެވެ. އަދި ޔަހޫދީންގެ އެކި މަޤާމުތަކަށް ޢަމާޒުކޮށް 40 މިސައިލް ފޮނުވާލާފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.
ޔަހޫދީންގެ ވެރިރަށް ތެލް އަވީވުގެ ބޮޑެތި ސަރަޙައްދުތައް އެއްކޮށް ސުންނާފަތިވެފައިވާ މަންޒަރުތައް ވަނީ ޢާންމުވެފައެވެ. ޚާއްޞަކޮށް ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމުގެ ދިރާސާތައް ކުރާ ޔަހޫދީންގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ޙަމަލާގައި އެ މަރުކަޒުގެ އިމާރާތް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.
މި ޙަމަލާތަކުގައި 20 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.
އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެފައިވަނީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޮވެ، އެމެރިކާއިން އދގެ ޗާޓަރާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ.
އަދި އީރާނުން ސުލްޙަވެރިކަމާއެކު މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ބޭނުންކުރުން މަނާކުރާ މުޢާހަދާއާ ޚިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖޫން 13 އިން ފެށިގެން ދެ ފަރާތުން ބަދަލުކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް ޔަހޫދީންގެ 1،300 އަށްވުރެ ގިނަ މީހުން ޒަޚަމުވެ 24 މީހުން މަރުވެފައިވާއިރު، އީރާނުގެ 700 އަށްވުރެ ގިނަ މީހުން ޝަހީދުވެ 1،300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.



