މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވ 2025 ށ. އަތޮޅުގައި ފަށައިފިއެވެ.
ރައްކާ ރޯޑް ޝޯވގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި އެމްޓީސީސީ އަދި އުރީދޫ މޯލްޑިވްސްއެވެ.
މި ޖޫން މަހުގެ 20 އިން 28 އަށް ށ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭގޮތަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރައްކާ ރޯޑް ޝޯވ ފެށުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިލަންދޫގައެވެ.
މި މަހު 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މިލަންދޫގައި ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ވަނީ ކުޅެފައެވެ.
ފުލުހުން ބުނިގޮތުގައި، މި މެޗު އިންތިޒާމުކުރުމުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ މެޗު ބެލުމަށް ދަނޑަށް ހާޒިރުވި ފަރާތްތަކުގެ އެއްގަމު އުޅަނދުތައް ގަވާއިދާ އެއްގޮތަށް ޕާކުކުރުމުގައި ހޭލުންތެރިކަން އިތުރުކުރުވުމެވެ.
މީގެ އިތުރުން މެޗު ކުރިއަށް ދިޔައިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފަރުދީ ޒިންމާ ހަނދާންކޮށްދީ އެ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައްކާ ރޯޑް ޝޯވގައި، ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކުގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ.
އަދި ރޯޑް ސޭފްޓީ ހިނގާލުމާއި ރަށްރަށުގައި ބިލްބޯޑު ހަރުުކުރުމުުގެ އިތުރުން ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ށ. އަތޮޅުގައި ކުރިއަށް ގެންދަނީ ށ. އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ރަށްރަށުގެ ވިޔަފާރިވެރިންނާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.




