”ކާނޓާލަގާ ގަރލް“ ގެ ނަމުން މަޝްހޫރުވި އިންޑިއާގެ އެކްޓްރެސް އަދި އައިޓަމް ގަރލް ޝެފާލީ ޖަރީވާލާ ރޭ ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ބިގް ބޮސް 13 ގައި ވެސް ބައިވެރިވެ އިތުރަށް މަޝްހޫރުކަން ހޯދި ޝެފާލީ މަރުވިއިރު އުމުރުން 42 އަހަރެވެ.
އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އޭނާ މަރުވި ސީދާ ސަބަބު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމުގައި ބުނެފައިވެއެވެ.
ރޭ ދަންވަރު މުމްބައީގެ ބެލެވޫ ހޮސްޕިޓަލަށް އެމަޖެންސީގައި ޝެފާލީ ގެންދިޔައީ އޭނާގެ ފިރިމީހާ ޕަރަގް ތިޔާގީ އާއި އިތުރު ތިން މީހެކެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޝެފާލީ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިންޑިއާ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ޝެފާލީ މަރުވެއްޖެ ކަމުގެ ރިޕޯޓު ލިބުނީ ރޭ 1:00 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ކޫޕަރ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ މަރުވި ސަބަބު އަދި ކަށަވަރު ވެފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޝެފާލީގެ ކުއްލި ވަކިވުމާ ގުޅިގެން މަޝްހޫރު ގިނަ ފަންނާނުންތަކެއް ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
ޕްރަބާސް ޗާބްރާއަށް ކުރިން ދިން އިންޓަވިއު އެއްގައި ޝެފާލީ ބުނެފައިވަނީ، އޭނާ ބޭނުންވަނީ ”ކާނޓާލަގާ ގަރލް“ ގެ ގޮތުގައި އޭނާގެ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އާންމުންނަށް އެނގިފައި ހުރުމަށް ކަމަށާއި އޭނާ ނޫން އިތުރު ”ކާނޓާލަގާ ގަރލް“ އެއް ނެތުން ކަމަށެވެ.
”ކާނޓާ ލަގާ“ އަކީ 2004 ވަނަ އަހަރު ރިލީޒް ކުރި ހިޓް ވީޑިއޯ ލަވައެކެވެ. އެ ލަވައިގެ ލީޑް އެކްޓްރެސްއަކަށް އުޅުނީ ޝެފާލީ އެވެ. އަދި އެ ލަވައަށްފަހު އޭނާއަށް ގިނަ ބައެއްގެ ތަރުހީބުލިބި ސްޕޮޓްލައިޓަަށް ޝެފާލީ އަރައިގެން ދިޔައެވެ.


