ސޯޝަލް މީޑިއާގައި އިންޑިއާ މީހަކު ކަންބޮޑުވުންތަކަކާއެކު ކުރި ސުވާލެއް ހަލުވި ކަމާއެކު ދައުރުވާން ފަށައިފިއެވެ.
ދިރިއުޅެން ގެއެއް ނުވަތަ ފްލެޓެއްވެސް ގަނެވޭނެހާ ފެންވަރު ނެތްކަމަށް ބުނެ، އެ މީހާ ސުވާލު ކޮށްފައިވަނީ އޭނާ ދިރިއުޅެން ބޯޓެއް ގަނެ، އޭގައި ދިރިއުޅެވިދާނެ ތޯއެވެ.
އެމީހާ ބުނެފައިވަނީ އިންޑިއާގެ ބެންގަލޫރު، ޗެންނައީ އަދި ހައިދަރްއާބާދުން ވެސް އޭނާއަށް ދިރިއުޅެން ގެއެއްވެސް ފްލެޓެއް ވެސް ގަނެވެން ނެތް ކަމަށެވެ. އެތަންތަނުގެ އަގު އިންތިހާއަށް ބޮޑުކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި އީއެމްއައި މެދުވެރިކޮށް ގަނެގެން، ބުރަކޮށް ވަޒީފާ އަދާކޮށްގެން އެއަށް ފައިސާ ދެއްކޭ ވަރަށްވުރެ މިހާރު އޭނާ ހުރީ އުމުރުން މަތި ވެފައިކަމަށް އެމީހާ ބުނެފައިވެއެވެ.
އެހެންކަމުން އިންޑިއާ ރިއަލް އެސްޓޭޓް ސަބްރެޑިޓްގައި އޭނާ ސުވާލު ކޮށްފައިވަނީ ކުޑަ ބޯޓެއް ގަނެ، އެ ބޯޓަށް ދިރިއުޅުން ބަދަލު ކުރެވިދާނެތޯއެވެ. އޭނާ ބުނީ އެ ބޯޓުގައި އޭނާ ކުޑަ ދެ ކޮޓަރިއާއި، ބަދިގެއަކާއި ފާހާނާއެއް ހަދާނެ ކަމަށެވެ. އަދި އިންޑިއާގައި ބައިވަރު ކޯރު ހުރުމުން އެތަނުން ކޯރެއްގަައި ނުވަތަ އަތިރިމަތީގެ ރާޅުޖަހާ ފަށުގައި އެ ބޯޓު އެހެލާފައި ބާއްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެ މީހާ ބުނެފައިވަނީ، ދިރިއުޅެން ތަނެއް ގަންނަން ބަލާއިރު އަގުތައް ހުރި ގޮތުން މިހާރު ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ސީރިއަސް ޖަވާބެއް ބޭނުންވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ހައުސް ބޯޓެއްގެ އަގަކީ 15 އާއި 30 ލައްކައާ ދެމެދުގެ ރުޕީސް އެވެ.
އެ މީހާގެ ސުވާލު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، ގިނަ ބަޔަކު ބުނެފައިވަނީ އެއީ ވަރަށް ރަނގަޅު ހިޔާލެއް ކަމަށެވެ.



