މިދިޔަ ހޮނިހިރު ދުވަހު މަރުވި ބޮލީވުޑްގެ އެކްޓްރެސް އަދި އައިޓެމް ގަރލް ޝެފާލީ ޖަރީވާލާ މަރުވީ މުސްކުޅިވުން ހުއްޓުވަން ބޭނުންކުރާ ”އެންޓި-އޭޖިންގް“ އިންޖެކްޝަނަކާއި ބޭސްތަކެއް ބޭނުން ކުރުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރު ޝެފާލީ ބެލެވޫ ހޮސްޕިޓަލަށް ގެންދިޔައީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޭނާގެ މަރުގެ ތަހުގީގު އެދުވަހުން ފެށިގެން ފަށާފައިވާއިރު، ޝެފާލީ ދިރިއުޅޭ އެޕާޓްމަންޓުން ބޭސްތަކަކާއި އެންޓި-އޭޖިންގް އިންޖެކްޝަނެއް ފޮރެންސިކްއަަށް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ކުރީ ދުވަހު ޝެފާލީ ހުރީ ހުސްބަނޑާ (ރޯދައަަށް) ކަމަށް އާއިލާއިން ބުނި ކަމަށާއި ހުސްބަނޑާ ހުރެ އެފަދަ ބާރުގަދަ ބޭސްތަކާއި އިންޖެކްޝަން ބޭނުން ކުރުމުން އޭނާގެ ލޭގެ ޕްރެޝަރު ދަށްވެ، ތުރުއަަޅަން ފެށިކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، ޝެފާލީގެ މަރުގެ ސަބަބު ޔަގީންކޮށް ބުނަން އެނގޭނީ ޕޯސްޓްމޯޓަމް ރިޕޯޓުތައް ލިބުމުން ކަމަށެވެ.
ބިގް ބޮސް 13 ގެ އެއް ބައިވެރިއެއް ކަމަށްވާ ޝެފާލީ އާންމުންގެ ތެރޭގައި ބޮޑަށް މަޝްހޫރުވީ 2004 ވަނަ އަހަރު ރިލީޒްވި އޭނާގެ ވީޑިއޯ ލަވަ ”ކާނޓާ ލަގާ“ އިންނެވެ. އޭގެފަހުން އޭނާއަކީ ”ކާނޓާ ލަގާ ގަރލް“ ކަމުގައި ވެސް ގިނަ ބަޔަކު ފާހަގަ ކުރަމުން ދިޔައެވެ.



