ހަތަރުހާސް (4،000) ފްލެޓު ހަވާލުކުރުން ލަސްވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ، ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
އެގޮތުން މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވީ، އެމްޑީޕީން ވެރިކަމުގައި އޮތްއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ފެށި 4،000 ފްލެޓު ލިބޭ މީހުން ކަނޑައެޅިފައިވީ ނަމަވެސް، އެމީހުންނަށް ފްލެޓުތައް ހަވާލުކުރުން ލަސްކުރަމުންދާތީ އެ މައްސަލައާ މެދު ބަހުސް ކުރުމަށެވެ.
އެ މައްސަލާމެދު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (ހ)ގައި، ކުއްލި މައްސަލައެއް ދިމާވީ ކުއްލިއަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުއްލި މައްސަލައަކީ ވޭތުވެ ދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައެއް ކަމަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މެންބަރު ފޮނުއްވި މައްސަލާގައި އެ ޝަރުތު ހަމަނުވާތީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.



