ސްޕެއިންގެ ރަސްގެފާނު ފިލީޕޭ ހަވަނަ އާއި ރާނީ ލެޓީޒިޔާ ދެއްވި ރަސްމީ ފަރީއްކޮޅުގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގެންފިއެވެ.
ރެއާލް އަލްކަޒާ ޑި ސެވިއްޔާގައި ބޭއްވި މި ފަރީއްކޮޅަކީ، ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ބައިވެރިންގެ ޝަރަފުގައި ދެއްވި ފަރީއްކޮޅެކެވެ. އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގެންނެވި، ދައުލަތްތަކާއި ސަރުކާރުތަކުގެ އިސްވެރިން، މި ފަރީއްކޮޅުގައި ބައިވެރިވެވަޑައިގަތެވެ.
މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން ލަތީފު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.
މި ކޮންފަރަންސްގެ އިފްތިތާޙީ ދަންފަޅީގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ މަންސަތަކުގައި، ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުޞޫލުތަކުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.




