މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ފަށައިފިއެވެ.
ޝަމްއާން ހައްޔަރު ކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
އެގޮތުން މި މައްސަލައިގައި މާރިޗް 20 ވަނަ ދުވަހުގެ ރޭ ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ.
އޭގެފަހުން މާރިޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ވަނީ ހައްޔަރު ކޮށްފައެވެ. ހަމައެއާއެކު އެ މަހުގެ 23 ވަނަ ދުވަހު މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު ވެސް ހައްޔަރު ކުރިއެވެ. މި މީހުންގެ ތެރެއިން ޝެހެޝާން ފިޔަވާ އެންމެންގެ މައްޗަށް ދައުވާ ވަނީ އުފުލާފައެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ ޝަމްއާނާއި އަލްސަންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތެވެ. އިބްރާހިމް އަހުމަދާއި ލައްސާންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.
މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، ލައްސާންގެ ބައި ވަކިން ކުރިއަށް ގެންދަނީ އޭނާ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއް ހަދާފައި ވާތީ ކަމަށެވެ. ނަމަވެސް އިބްރާހިމްގެ ބައި ވަކިން ކުރިއަށް ގެންދާ ސަބަބެއް ގާޒީ ހާމާއެއް ނުކުރައްވައެވެ.
ޝަމްއާނާއި އަލްސަންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބޭއްވި ނަމަވެސް، އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. މައްސަލައިގެ ލިޔުންތައް އަދިވެސް ދައުވާ ލިބޭ މީހުންނަށް ރައްދު ކޮށްދީފައި ނުވާތީ، ދައުވާ އިއްވުމަށާއި ޖަވާބުދާރީ ވުމަށް އެހެން އަޑުއެހުމެއް ވަނީ ތާވަލު ކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅިގެން ހާމަކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ވެސް ހިލާފަށެވެ.



