ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށް ކުރިއަށްގެންދާ ”މޯލްޑިވްސް – ސިންގަޕޫރު“ ބިޒްނަސް ފޯރަމް 200 އަށްވުރެގިނަ އިންވެސްޓަރުންނާއެކު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިންގަޕޫރަަށް ފަށާފައިވާ ދަތުރުފުޅުގެ ތެރެއިން، މި ބިޒްނަސް ފޯރަމް ފައްޓަވާދެއްވާފައިވަނީ ރޭގައެވެ.
”މޯލްޑިވްސް – ސިންގަޕޫރު“ ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ރައީސް މުޢިއްޒުއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ފޯރަމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް މިނިސްޓަރ ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.
މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެއެވެ.
އިންވެސްޓްމަންޓުގެ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
* ރަސްމާލެ ތަރައްގީ ކުރުން
* ގުޅީފަޅު މަޝްރޫޢު
* ލ، ޕޯޓް އަދި ބަންކަރިން މަޝްރޫޢޫ
* މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
* ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް
* ދުނިޔޭގެ ފެންވަރުގެ ތީމް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު
* އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާ މަޝްރޫޢޫ
* ސްޕޯޓްސް ފިޝިންއަށް ޚާޢްސަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
* ފާމިސޫޓިކަލް މެނުފެކްޗަރަލް ފެސިލިޓީ ތަރައްޤީކުރުން
* ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު
* ސިއްޙީ ނިޒާމް ޑިޖިޓަލް ކުރުމުގެ މަޝްރޫޢޫ
* އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
* މަތީ ތަޢުލީމަށް ޚާއްސަ އެކި މަޝްރޫޢޫތައް



