ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ތިލަމާލެ ބްރިޖުގެ 60 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަ ކޮށްފިއެވެ.
ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ ޕައިލްތައް ޖަހައި އެއްކޮށް ނިންމާލާފައިވާ ކަމަށާއި އެއާއެކު ބްރިޖްގެ 60.84 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަ ވެފައިވާ ކަމަށެވެ.
މިނިސްޓަރ މުއްޠަލިބް މިހެން ވިދާޅުވީ މާލެ، ވިލިމާލެ، ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ އަދާހަމަ ހާމަކުރެއްވުމަށް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޕައިލިން މަސައްކަތަކީ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ ދަށުން 263 ޕައިލް ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ޤާއިމުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތިލަމާގެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ތިލަމާލެ ބްރިޖު މަސައްކަތަކީ ކުރީ ސަރުކާރުން ފެއްޓެވި މަޝްރޫޢުއެކެވެ. ނަމަވެސް މި ސަރުުކާރުން ވެރިކަމާ ހަވާލުވިއިރު ބްރިޖުގެ ނިމިފައިވަނީ 29 އިންސައްތަ މަސައްކަތެވެ.




