ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އާދީއްތަ ދުވަހު ސިންގަޕޫރަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގައި، އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.
މި މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް މުޢިއްޒު ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން، ހިންގާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.



