ތ. ވިލުފުށީ ބަނދަރުގައި އޮތް ދެ ތެޔޮ ދޯންޏެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ދޯނީގެ ވެރި ފަރާތް އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ފިހިފައިވަނީ ދެމީހެކެވެ. އެއީ ދޯނިތަކުގެ ވެރި ފަރާތާއި އޭގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.
މި ހާދިސާގައި ފިހުމާއެކު އެ ދެ މީހުންނަަށް ވެސް ވިލުފުށީ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް ރަށުން އިތުރު ފަރުވާ ދެވެން ނެތުމުން ވެރި ފަރާތް މާލެ ގެންނަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
”ދޯނީގެ ވެރިފަރާތުގެ ހާލު އެހާ ސީރިއަސް އެއް ނޫން. އެކަމަކު، މި ކޮޅުން ފަރުވާ ނުދެވޭތީ ފޮނުވާލަނީ އިތުރު ފަރުވާ އަށް،“ ވިލުފުށިން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުން ކަމަށް ލަފާކުރެވޭ ކަމަށް ވިލުފުށީ ކައުންސިލު މެންބަރަކު ވަނީ ވިދާޅުވެފައެވެ.




