ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު އާއި އިތުރު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމުން އިތުރު ވަގުތު ދީފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމުން އިތުރު ވަގުތު ދީފައިވާ ކަމަށާއި އެހެންކަމުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަނޑުމަގުން ރާއްޖެއަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ކަމަށް ތުހުމަތު ކޮށްފައިވާ އިރުފާން ތަގިއްޔުގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށުގެ ދައުވާއެވެ. އޭނާގެ އިތުރުން ދެން ދައުވާ އުފުލީ ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ އަހްމަދު ނަސީރު އާއި ހ. ގާޑްންބިޔުޓީގެ މުހައްމަދު އަކްރަމް ގެ މައްޗަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ. އެގޮތަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ހެކިތަކުން، ދޯނިން މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުނުވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ކުރިންވެސް ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.
ނަމަވެސް މައްސަލަ އިސްތިއުނާފު ކުރަން ލިބޭ 60 ދުވަހުގެ ތެރޭގައި، ޕީޖީ އޮފީހުން އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެއެވެ. އިސްތިއުނާފަށް ހުށަނޭޅި އޮތީ ދަށު ކޯޓުން މައްސަލައިގެ ރިޕޯޓްތައް ދޫކުރުން ލަސްވުމުން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މުއްދަތު އިތުރު ކޮށްދިނުމަށް ޕީޖީ އޮފީހުގެ ފަރާތުން ހައި ކޯޓުގައި އެދުމުން، އެ ފުރުސަތު ކޯޓުން ވަނީ ދީފައެވެ. އަދި މިހާރު ގުނަމުންދާ މުއްދަތު އޮތް ގޮތުން އިސްތިއުނާފުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.



