ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތް ކުރެއްވައިފިއެވެ.
ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ރައީސް ޒިޔާރަތްކުރައްވާފައި ވަނީ އެމަނިކުފާނު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެތެރެއިން މިއަދު ހެނދުނުއެވެ.
ރައީސް މުޢިއްޒު، ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ޔޫ.އާރް.އޭ.ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ މިސް އެޑެލް ޓަން ޝިއާއޯ ލިންގް އާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ (ޕޮލިސީ އެންޑް ޕްރޮޕަޓީ) މިސް ސިއާ ޓްޒޭ މިންގްއެވެ.
އެގޮތުން އެތަނުން ރައީސްއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަނީ، ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭއަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް، ދެމެހެއްޓުމަށް ސިންގަޕޫރުން ގެންގުޅުއްވާ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންގ އާއިބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައެވެ.
މި ޕްރެޒެންޓޭޝަނަށްފަހު އޮތީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނިގެން، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އަމާޒުކުރުންވެސް ހިމަނައިގެން، ސިންގަޕޫރު ސަރުކާރުން ހިންގަވާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިންގ މަޝްވަރާތަކުގައި ޢާންމުންގެ ބައިވެރިވުން ހިމެނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ސުވާލާއި ޖަވާބު ސެޝަނެކެވެ.
އެއަށްފަހު ރައީސް މުޢިއްޒު ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތް ކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގ އެކިއެކި މަރުހަލާތައް ބައްލަވާލައްވާފައެވެ.
އަދި އެ ސިޓީ ބެލެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލުތައް ގެނެވުނު ގޮތް ރައީސް ވަނީ ބައްލަވާލައްވާފައެވެ.
ޔޫ.އާރް.އޭ. އަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ. އަދި އެއީ. ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްފައިވާ ކުންފުންޏެކެވެ.



