މާލޭގެ ގެއެއްގެ ތެރޭގައި ބަންދު ކޮށްފައިހުރި ބިދޭސީއަކު ފުލުހުން މިއަދު ސަލާމަތް ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، އެތަނުގެ ތަޅު ހަލާކު ކޮށްލައިގެން އެމީހާ ނެރެފައިވާ ކަމަށެވެ.
އެއީ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހާ އައިޖީއެމްއެޗްއަށް ގެންގޮސް، ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



