މިއަހަރުގެ ފުރަތަމަ 5 މަހު، މަސް އެކްސްޕޯޓު ކޮށްގެން ހޯދި އާމްދަނީ 40 އިންސައްތަ އިތުރުވެއްޖެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިންް އާންމުކޮށްފައިވާ އެކި ސިނާޢަތްތަކުގެ ތަފާސް ހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖެއިން ބޭރުކުރާ މަހުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މިއަހަރު ފުރަތަމަ ފަސް މަސް ދުވަހު 63.7 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 45.5 މިލިޔަން ޑޮލަރެވެ.
އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ.
މަސް ބޭރުކޮށްގެން ލިބުނު އާމްދަނީން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގައެވެ. އެ މަހު އެކަނި 18.2 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ.
މިއަހަރުގެ ފުރަތަމަ 5 މަހު، މަސް ބޭރުކޮށްގެން ލިބިފައިވާ އާމްދަނީ އާއި މަސް ބޭރު ކޮށްފައިވާ މިންވަރު:
° ޖެނުއަރީ – 8.6 މިލިޔަން ޑޮލަރު / 5،710 މެޓްރިކް ޓަނު
° ފެބްރުއަރީ – 13.3 މިލިޔަން ޑޮލަރު / 8،511 މެޓްރިކް ޓަނު
° މާރިޗު – 12.4 މިލިޔަން ޑޮލަރު / 7،376 މެޓްރިކް ޓަނު
° އެޕްރީލް – 18.2 މިލިޔަން ޑޮލަރު / 9،700 މެޓްރިކް ޓަނު
° މެއި – 11.2 މިލިޔަން ޑޮލަރު / 7،499 މެޓްރިކް ޓަނު
މަސްވެރިކަމުން ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ މަސް ބޭރު ކުރި މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. އެގޮތުން މިއަހަރު ފުރަތަމަ ފަސް މަހު 38،800.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ.



